



ރުފިޔާ
ދައުލަތަށް އާމްދަނީގެ ގޮތުގައި މައިގަނޑު ގޮތެއްގައި ލިބެނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއާއި ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީއެވެ.
2021 ވަނަ އަހަރު ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 21.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް ފާސްކޮށްފައިވެއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން 2021 ވަނަ އަހަރުވެސް ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާނެކަމަށް ލަފާކުރެވެނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއެވެ.
ރުފިޔާ
ދައުލަތުން ކުރާ ޚަރަދު ބެހިގެންވަނީ މައިގަނޑު ގޮތެއްގައި ދެ ބަޔަކަށެވެ. އެއީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ދުވަހުން ދުވަހަށް ޚިދުމަތް ދިނުމަށާއި ރައްޔިތުންނަށް އެކިއެކި ކަންކަމުގައި އެހީ ފޯރުކޮށްދިނުމަށް ހިނގަމުންދާ ޚަރަދު (ރިކަރަންޓް ޚަރަދު) އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށާއި މެޝިނަރީ ފަދަ ކެޕިޓަލް އައިޓަމްތަކަށް ހޭދަވާ ޚަރަދު (ކެޕިޓަލް ޚަރަދު) އެވެ.
2021 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ޖުމްލަ ޚަރަދަކީ 33.4 ބިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދުގެ ތަފާތަކީ، ޚަރަދަކީ ޖުމްލަ ބަޖެޓުން ލޯނު އަނބުރާ ދެއްކުމަށާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސުލްމާލު ކެނޑުމަށްފަހު ހޯދޭ އަދަދެކެވެ.


ރުފިޔާ
ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސަކީ ޖުމްލަ އާމްދަނީ އާއި ހިލޭއެހީއާއި، ޖުމްލަ ޚަރަދާއި ދެމެދު ވާ ފަރަގެވެ. ޖުމްލަ އާމްދަނީ އާއި ހިލޭއެހީއަށްވުރެ ޚަރަދު ބޮޑުވެއްޖެނަމަ ބަޖެޓު ޑެފިސިޓް ވާނެއެވެ. ބަޖެޓުގެ ޕްރައިމަރީ ބެލެންސް އަކީ އޯވަރޯލް ބެލެންސުން ލޯނުގެ ޚިދުމަތުގެ ޚަރަދު ކެނޑުމުން ލިބޭ އަދަދެކެވެ.
2021 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ އޯވަރޯލް ބެލެންސަކީ 12.3 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. އަދި ޕްރައިމަރީ ބެލެންސަކީ 9.8 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ބަޖެޓު ޑެފިސިޓް މައިގަނޑުގޮތެއްގައި ފައިނޭންސްކުރަނީ ބޮންޑު، ސުކޫކް، ޓީ-ބިލް ފަދަ ފައިނޭންޝަލް އިންސްޓްރޫމަންޓްސް އާއި ލޯނަށް ފައިސާ ނަގައިގެންނެވެ.

ރުފިޔާ
ރައްޔިތުންނަށް ދެވޭ ސިއްހީ ޚިދުމަތްތައް ދިނުމަށާއި ފުޅާކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 4,054.9 މިލިއަން ރުފިޔާ ހިމަނާފައިވާނެއެވެ. މީގެ ތެރޭގައި ހޮސްޕިޓަލުގެ ޚިދުމަތްތަކަށް 3,289.3 މިލިއަން ރުފިޔާ، އަދި އާންމު ސިއްހީ ޚިދުމަތްތަކަށް 765.6 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެއެވެ.
ރުފިޔާ
އިގުތިސާދީ އަދި ސިނާއީ ކުރިއެރުވުމަށް ހިންގޭ މަޝްރޫއުތަކާއި އެހެނިހެން ޚަރަދުތަކަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 7,029.9 މިލިއަން ރުފިޔާ ހިމަނާފައިވާނެއެވެ. މީގެ ތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރާ މަސައްކަތްތެރިންނާއި ވިޔަފާރި ކުރިއެރުވުމަށް އަދި އިގުތިސާދު ފުޅާކުރުމަށް 3,723.7 މިލިއަން ރުފިޔާ ވަނީ ބަޖެޓުކުރެވިފައެވެ.


ރުފިޔާ
ތައުލީމީ ޚިދުމަތްތަކާއި ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި މަޝްރޫއުތަކަށް ބަޖެޓުގައި 3,981.0 މިލިއަން ރުފިޔާ ހިމަނާފައިވާނެއެވެ. މީގެ ތެރޭގައި ފަށާ، ޕްރައިމަރީ އަދި ސާނަވީ ތައުލީމަށް 3,062.5 މިލިއަން ރުފިޔާ ޚަރަދުކުރެވޭއިރު 918.5 މިލިއަން ރުފިޔާ މަތީ ތައުލީމަށް ޚަރަދުކުރެވޭނެއެވެ.
ރުފިޔާ
ގެދޮރު އިމާރާތްކުރުމަށާއި ޖަމާއަތުގެ ފައިދާއަށްޓަކައި ދެވޭ ޚިދުމަތްތަކަށް 2,407.9 މިލިއަން ރުފިޔާ 2021 ވަނަ އަހަރަށް ބަޖެޓުކޮށްފައިވާނެއެވެ. މި ދާއިރާއަށް ކުރާ ޚަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ދެ ބަޔަކީ ޖަމާއަތުގެ ފައިދާއަށްކުރާ ޚަރަދާއި ގެދޮރު ބިނާކުރުމަށް ކުރާ ޚަރަދެވެ. މި ދެ ބަޔަށް ޖުމްލަ 2,264.3 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެއެވެ.


ރުފިޔާ
މީގެ ތެރޭގައި ބަލިވުމާއި ނުކުޅެދުންތެރިކަމަށް ދޭ އެހީއަށް 1,169.6 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު، އުމުރުން ދުވަސްވީ ފަރާތްތަކަށް 1,340.0 މިލިއަން ރުފިޔާ އަދި އިޖުތިމާއީ ރައްކާތެރިކަމަށް ކުރެވޭ އެހެނިހެން ޚަރަދުތަކަށް 1,192.4 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާނެއެވެ. މި ބަޔަށް 2021 ވަނަ އަހަރު ކަނޑައަޅާފައިވާ ޖުމްލަ ބަޖެޓަކީ 3,702.0 މިލިއަން ރުފިޔާއެވެ.
ރުފިޔާ
ތިމާވެށި ރައްކާތެރިކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 1,856.3 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެއެވެ. މި ބަޔަށް ކުރެވޭ ޚަރަދުގެތެރޭގައި ހިމެނެނީ ރައްކާތެރި ގޮތެއްގައި ކުނި ބެލެހެއްޓުމާއި، ރަށްރަށުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ހުއްޓުވުމާއި، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާއި، މިނޫނަސް ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ ޚަރަދުތަކެވެ. މިބައިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާނީ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ކުރެވޭ ޚަރަދުތަކަށެވެ. މިކަމަށް 1,148.4 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެއެވެ.


ރުފިޔާ
ދިފާއީ ކަންކަން ބެލެހެއްޓުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 1,431.3 މިލިއަން ރުފިޔާ ހިމަނާފައިވާނެއެވެ. މި ބައިން ކުރެވޭ ޚަރަދުތަކުގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއް ހިނގާނީ މިލިޓަރީ ޑިފެންސަށެވެ. އެއީ 1,272.4 މިލިއަން ރުފިޔާއެވެ.
އަދުލު އިންސާފާއި އަމަން އަމާންކަން ގާއިމުކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުން 2,810.2 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެއެވެ. މިބައިން ކުރެވޭ ޚަރަދުގެ އެންމެ ބޮޑުބައެއް ހޭދަކުރެވެނީ ބޯޑަރ ބެލެހެއްޓުމާއި އަމަންއަމާންކަން ގާއިމުކުރުމަށެވެ. މިކަމަށް 1,668.7 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެއެވެ.
ރުފިޔާ
ރައްޔިތުންނަށް ދެވޭ އާންމު ޚިދުމަތްތަކަށް 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 2,907.1 މިލިއަން ރުފިޔާ ކަނޑައެޅިފައިވާނެއެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ގާނޫނުތައް ހެދުމާއި، މާލީ އަދި ފިސްކަލް ކަންތައްތަކާއި ޚާރިޖީ ސިޔާސަތުތަކަށް ކުރާ ޚަރަދަށް 2,748.7 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އާންމު ޚިދުމަތްތަކަށް ބަޖެޓުކޮށްފައިވަނީ 158.4 މިލިއަން ރުފިޔާއެވެ.
އިޖުތިމާއީ އަދި ދީނީ ޚިދުމަތް ދިނުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި 803.8 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެއެވެ. މި ބަޔަށް ކުރެވޭ ޚަރަދުގެ ތެރޭގައި މުނިފޫހިފިލުވުމާއި ކުޅިވަރަށް 482.4 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު ދީނީ ޚިދުމަތަށް 275.1 މިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ.
ދަރަނީގެ ޚިދުމަތުގެ އަގު އަދާކުރުމަށާއި ދަރަނި އަދާކުރުމަށް 2021 ވަނަ އަހަރު 3,938.3 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާނެއެވެ. މި ބަޔަށް 1,469.9 މިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް އެކަށައެޅިފައިވާއިރު، ދަރަނީގެ ޚިދުމަތުގެ އަގު އަދާކުރުމަށް ކަނޑައެޅިފައިވަނީ 2,468.4 މިލިއަން ރުފިޔާއެވެ.

Republic of Maldives
Tel: 1617
Tel: +(960) 334 9200
Fax: +(960) 333 8034
E-mail: [email protected]